Pages

Tuesday, March 1, 2011

23 ފެބްރުއަރީ 2011ވަނަ ދުވަހު ދިވެހިރާއްޖޭގެ ޤައުމީ
ޔުނިވަރސިޓީގެ 904ދަރިވަރަކު ރައީސް ނަޝީދަށް
ހުށަހެޅި ޕެޓިޝަން!
    ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމުޙޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދަށް.
    ވެދުންސަލާމަށްފަހު ދަންނަވަމެވެ.
  އަޅުގަނޑުމެންނަކީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެކިއެކި ފެކަލްޓިތަކުގެ ތަފާތު ކޯސްތަކުގައި ތަޢުލީމު ޙާޞިލުކުރަމުންދާ ދަރިވަރުންނީމު އެވެ. 2009 ވަނަ އަހަރުން ޖުލައި މަހުން ފެށިގެން، ދަރިވަރުންނަށް [ޕޮކެޓް މަނީ]ގެ ގޮތުގައި ކޮލެޖުން ދެމުން އައި ފައިސާ ދިނުން ހުއްޓާލުމާއި ގުޅިގެން، 2010 ވަނަ އަހަރު ޖެނުއަރީ މަހުން ފެށިގެން އެންރޯލްވެ، މިހާރުގެ ޤައުމީ ޔުނިވަރސިޓިގައި ތައުލީމު ޙާޞިލްކުރަމުންދާ ދަރިވަރުން، ކޯސް ފުރިހަމަ ކުރުމަށް މާލޭގައި ދިރިއުޅުން ވެފައިވަނީ ތަޙައްމަލް ކުރަން ދަތި، ބޮޑު ގޮންޖެހުމަކަށެވެ. އަޅުގަނޑުމެންނަށް ފައިސާގެ ދަތިކަމާ ކުރިމަތިވެ، ކޯސް ދޫކޮށްލާފައި ދިއުން ނޫން އިތުރު އެއްވެސް ގޮތެއް ނެތިފައި ތިއްބާ، 2010 ވަނަ އަހަރު، ޑިޕާރޓްމެންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން އެއް އަހަރުގެ މުއްދަތަށް [ސްޓޫޑެންޓް ލޯން ސްކީމު]ގެ ނަމުގައި އިންޓަރެސްޓާއެކު އަނބުރާ ދައްކާގޮތަށް ދޫކޮށްފައިވާ ލޯނު ފައިސާ އަޅުގަނޑުމެންގެ ތެރެއިން ބައެއް ކުދިން ނަގާފައިވަނީ އެނޫން އިތުރު އެއްވެސް ގޮތެއް ނެތިގެންކަން ހިތާމަޔާއެކު ފާހަގަ ކުރަމެވެ. އަދި އެ ލޯނު ފައިސާ ދެއްވިއިރުގައި ވެސް، ކޮލެޖުގައި ކިޔަވާ ހުރިހާ ކުދިންނަށް [އެލިޖިބަލް] ނުވާގޮތަށް، ސަރުކާރުން ކަނޑައަޅާ ވަކި ޢަދަދެއްގެ ކުދިންނަށް ލިބޭ އެއްޗެއްގެ ގޮތުގައި އެ ލޯނު ހަމަޖެހިފައި ވުމީ، ކޮލެޖުގައި ކިޔަވައި ހުރިހާ ކުދިނަށް އެ ލޯނު ލިބުމަށް ހުރަސްއެޅިގެންދިޔަ ކަމެއްކަން ފާހަގަ ކުރަމެވެ. ނަމަވެސް، މީގެ ކުރިން [ޕޮކެޓް މަނީ]ގެ އުޞޫލުން ކުދިންނަށް ފައިސާ ދެއްވަމުން ގެންދެވި އިރު، ކޮލެޖުގައި ރަޖިސްޓްރީ ވެފައިވާ ހުރިހާ ދަރިވަރުންނަށްވެސް، ބެހިގެންދާގޮތަށް ހަރުދަނާ އުޞޫލަކުން ފައިސާ ދެއްވާފައިވާކަން ފާހަގަ ކުރަމެވެ.
    އަޅުގަނޑުމެންނަކީ، ޔުނިވާރސިޓީ ތަޢުލީމުގެ އެންމެ މަތީ ހަރުފަތާ ހަމައަށް ވާޞިލް ވުމުގެ ނިޔަތުގައި މަސައްކަތް ކުރަމުން ގެންދާ ބަޔަކީމެވެ. ނަމަވެސް، ސަރުކާރުގެ ކަމާބެހޭ ފަރާތުން، މަތީ ތަޢުލީމު ޙާޞިލްކުރާ ދަރިވަރުންނަށް ދެއްވަމުން ގެންދެވި، [ޕޮކެޓް މަނީ] ހުއްޓާލައި، ލޯނު ދޫކުރަން ފެށުމުގެ ސަބަބުން، ޔުނިވަރރސިޓީ ތަޢުލީމުގެ ފުރަތަމަ މަރުޙަލާ ނިމޭ ހިސާބުން، ލޯނުގެ ގޮތުގައި ސަރުކާރުން ދެއްވާފައިވާ ފައިސާ ދައްކާ ޚަލާޞް ކުރުމަށްޓަކައި، ކިޔެވުމާ އަލްވަދާޢު ކިޔަންވަނީ މަޖުބޫރު ވެފަ އެވެ. އެހެންކަމުން، ޔުނިވާރސިޓީގައި ކިޔަވައި ދަރިވަރުންގެ ބޮލުގައި އެޅޭ ސަލާމަތް ނުވެވޭފަދަ ބޮޑު ދަރަންޏެއްގެ ގޮތުގައި، ލޯނުފައިސާ ދޫކުރުމަކީ، އަޅުގަނޑުމެންނަށް އެއްގޮތަކަށް ވެސް ޤަބޫލު ކުރެވޭނެ ކަމެއް ނޫނެވެ. އަދި އެއީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ދަތުރުކުރަން ބޭނުންވާ ކާމިޔާބުގެ ލަނޑުދަނޑިތަކާ ހަމައަށް ވާސިލްވުމަށް އެޅިގެންދާ ހުރަހެއްކަމުގައި އަޅުގަނޑުމެން ދެކެމެވެ.
    2010 ވަނަ އަހަރު އޭޕްރީލް މަހުގެ 27 ވަނަ ދުވަހު، އެއިރުގެ [މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން]ގައި ތަޢުލީމު ޙާޞިލުކުރަމުންދިޔަ، ގާތްގަނޑަކަށް ފަންސާހަށްވުރެ ގިނަ ކުދިން ސޮއިކޮށް، ރައީސް އޮފީހަށް ހުށަހެޅި ޕެޓިޝަނުގެ ޖަވާބު، އޭގެ ފަސް މަސްދުވަސް ފަހުން ލިބުނުއިރު، އޭގެ ޖަވާބުގައި، މަތީތަޢުލީމަށް ކިޔަވައި ދަރިވަރުންނަށް [ޕޮކެޓް މަނީ]ގެ ގޮތުގައި ފައިސާ ދީގެން ކިޔަވައިދިނުމަކީ، މި ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށް ބަޔާންކުރައްވާފައިވާތީ، އަޅުގަނޑުމެން ހިތާމަކުރާ ވާހަކަ ދަންނަވަމެވެ. ކަންމިހެން އޮތްއިރު، ދާދި ފަހުން، ނަރުސް ކޯސް ހެދުމަށްޓަކައި، ދިވެހި ސަރުކާރުގެ ފަރާތުން އަވަށްޓެރި އިންޑިއާއަށް ފޮނުވި، 85 ކުދިންގެ ތެރެއިން 15 ކުދިން ފިޔަވައި، ބާކީތިބި 70 ކުދިން ކޯހުގެ ޝަރުތު ފުރިހަމަނުވުމާގުޅިގެން، ދިވެހި ސަރުކާރުގެ މާލިއްޔަތުގެ ޚަރަދުގައި މާލެ ގެނެސް، ދިވެހި ޤައުމީ ޔުނިވަރސިޓީގައި އެންރޯލުކޮށް، ސަރުކާރުން ޚަރަދުދޭގޮތަށް، ފެކަލްޓީ އޮފް ހެލްތް ސައިންސްގެ ބޭނުން ކޯހެއްގައި ކިޔެވުމުގެ ފުރުޞަތު ހޯއްދަވައިދެއްވާފައިވާކަމީ، ސަރުކާރުގެ ހިލޭ އެހީގެ ދަށުން މަތީ ތަޢުލީމަށް ކިޔަވައިދިނުމަކީ، އިސްވެ ދެންނެވުނު ސަރުކާރުގެ ސިޔާސަތާއި ޚިލާފަށް ހިންގާފައިވާ ޢަމަލެއްކަން ފާހަގަ ކުރެވެ އެވެ.
    65 އަހަރުން މަތީގެ ދުވަސްވީ މީހުންނަށާއި، އެކަނިވެރި މައިންނަށާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށާއި، ދިވެހިރާއްޖޭގެ ސްކޫލުތަކުގައި ތަޢުލީމު ޙާޞިލްކުރަމުންގެންދާ ދަރިވަރުންގެ ފޮތްބަޔާއި، އެކުދިންގެ އިމްތިޙާނު ފީ ދެއްކުން ފަދަ ރައްޔިތުންނަށް ދަތިވާ ކަންކަމުގައި ސަރުކާރުގެ ބަޖެޓުން މިލިއަނުން ފައިސާ ޚަރަދުކުރަމުންދާކަމީ އަޅުގަނޑުމެން ނުހަނު އުފަލާއެކު ބަލައިގަންނަ ކަމެކެވެ. އެހެންނަމަވެސް، ދިވެހި ޤައުމީ ޔުނިވަރސިޓީގައި މަތީ ތަޢުލީމު ޙާޞިލްކުރަމުންދާ، މަދު ދަރިވަރުންކޮޅަކަށް [ޕޮކެޓް މަނީ] ދިނުމަށް ސަރުކާރުން ނުކުޅެދި، އަޅުގަނޑުމެންނަށް ލޯނު ދޫކޮށް ދަރަނިވެރި ކުރުވާފައިވާތީ، މިކަމަކީ އެއްވެސް އިންސާފެއް އޮތް ކަމެއްކަމަށް ބަލައެއްނުގަނެވޭނެ އެވެ. އިސްވެ ދެންނެވުނު، އެތައް ހާސް ދިވެހި ރައްޔިތުންނަށް ދަޢުލަތުގެ މާލިއްޔާއިން ބޮޑެތި ޚަރަދުތައް ކުރަމުންދާއިރު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ތަޢުލީމު ޙާޞިލްކުރާ ހައެއްކަ ހާސް ކުދިންނަށް [ޕޮކެޓް މަނީ]އެއްގެ ގޮތުގައި ހިލޭ އެހީއެއް ދިނުމަކީ، ސަރުކާރަށް ނުކުރެވޭނެ ކަމެއްތޯއެވެ؟
    ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ދަސްވެނިވެގެން ދިވެހި މުޖުތަމަޢަށް ނުކުންނަ ދަރިވަރުންނަކީ، ދިވެހިރާއްޖޭގެ ކުރިމަގު ބައްޓަންކޮށް، ތަރައްޤީގެ މަގުޗާޓު ކުރަހަން ތިބި އެދުރުންނަށް ވީހިނދު، އެ ދަރިވަރުން ނިކަމެތިކޮށް، އިހާނެތިކޮށް ހިތުން ވެގެންދާނީ، ދިވެހިރާއްޖެއާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކުރިމަގު ބަނަވެ، ދިވެހި ޤައުމިއްޔަތަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަކަށްކަން ކަށަވަރެވެ.
   ވީމާ، ތިޔަ އޯގާތެރި ސަރުކާރުން އަޅުގަނޑުމެންގެ އާދޭސް އަޑުއައްސަވައި، އެކަނިވެރި މައިންނާއި، 65 އަހަރުން މަތީގެ ދުވަސްވީ މީހުންނަށް [އެލަވަންސް] ދިނުމަށް ތައްޔާރުކޮށްފައިވާ ފަދަ ފޯމެއް ފުރުވައިގެން ނަމަވެސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެންމެހާ ދަރިވަރުންނަށް މަންފާ ކުރަނިވި ގޮތަކަށް ވިސްނާވަޑައިގެން، ހިލޭ އެހީއެއްގެ ގޮތުގައި، އެކަށީގެންވާ [ޕޮކެޓް މަނީ]އެއް ލިބޭނޭގޮތް ހައްދަވައިދެއްވުން އެދި ނުހަނު އާދޭހާއެކު ދަންނަވަމެވެ.
     އިޙުތިރަމް ޤަބޫލުކުރެއްވުން އެދެމެވެ.


   23 ފެބްރުއަރީ 2011


ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
މާލެ،ދިވެހިރާއްޖެ.

Sunday, February 27, 2011


ޢާއްމު ނޯޓިސް............

Thursday, February 24, 2011

މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ 904 ދަރިވަރަކު ސޮއިކޮށް ރައީސް ނަޝީދަށް ޕެޓިޝަނެއް ހުށަހަޅައިފި!
ޔުނިވަރސިޓީގެ ދަރިވަރުންނަށް ޕޮކެޓްމަނީ ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވުން އެދި މި ޕެޓިޝަން ހުށަހަޅާފައިވަނީ 23 ފެބްރުއަރީ 2011ވީ ބުދަދުވަހުއެވެ. މި ޕެޓިޝަނުގައި ދަރިވަރުން ނަށް ދެމުން ގެންދިޔަ ޕޮކެޓްމަނީ ކަނޑާލުމަށް ފަހު ތަފާތު ނަންނަމުގައި އިންޓްރެސްޓާއިއެކު ލޯނުތައް ދޫކޮށް ދައިރިވަރުން ދަރަނިވެރިކުރަމުން ގެނދާކަން ފާހަގަކޮށްފައިވެއެވެ. އަދި މީގެ ސަބަބުން ދަރިވަރުން މިހާރު ހަދަމުންދާ ކޯސްތައް ނިންމުމަށްފަހު އިތުރު ތަޢުލީމުގެ ހޯދުމަށް ހުރި ދަތިތައް ފާހަގަ ކޮށްފައިވެއެވެ.
ޕޮކެޓް މަނީ ދީގެން ކިޔައިވައި ދިނުމަކީ ސަރުކާރުގެ އުސޫލެއް ނޫން ކަމަށް ބުނެ 2009ވަނަ އަހަރުގެ ޖުލައި މަހުގައި ޕޮކެޓް މަނީ ދިނުން ހުއްޓާލާފައި ވީނަމަވެސް، ދާދި ފަހުން ސަރުކާރުގެ އިހްމާލުން އިންޑިއާގެ އަމްބިކާ ކޮލެޖަށް ޞިއްހީ ދާއިރާއިން މަތީ ތަޢުލީމު ޙާސިލް ކުރަން ފޮނުވި ކުދިން ޝަރުތު ހަމަ ނުވެގެން ރާއްޖެ ފޮނުވާލުމުން އެކުދިންނަށް ވަނީ ހާއްސަ ޢިނާޔަތްތަކެއް ހަމަޖައްސާދީފައެވެ. އެ ދަރިވަރުންނަށް ކޯހުގެ ފީ އަދި ކޮންމެ މަހަކުވެސް "ޕޮކެޓް މަނީ" ގެ ގޮތުގައި 2000 ރުފިޔާ ވަނީ ހަމަޖައްސަވާދެއްވާފައެވެ. އެހެން ކަމުން ޕޮކެޓް މަނީ ދީގެން ކިޔައިވައި ދިނުމަކީ ސަރުކާރުގެ އުސޫލެއް ނޫން ކަމަށް ބުނާ ބުނުން އަޅުގަނޑުމެން ދަރިވަރުންނަކަށް ގަބޫލެއް ނުކުރެވޭނެއެވެ. އަދި ޝަރުތު ހަމަނުވާ ދަރިވަރުންތަކަކަށް މިފަދަ ބޮޑު ޢިނާޔަތްތަކެއް ދިނުމަށް ނިންމާފައިވާއިރު ޝަރުތު ހަމަވެގެން މިހާރުވެސް ޔުނިވަރސިޓީގެ ތަފާތު ކޯސްތަކުގައި ކިޔަވާ ދަރިވަރުންނަށް ޕޮކެޓްމަނީ ނުދިނުމަކީ އިންސާފެއްކަމަށް ގަބޫލެއް ނުކުރެވެއެވެ.
ޕޮކެޓްމަނީ ދިނުމުގައި ސަރުކާރުގެ ސިޔާސަތު ހާމަކޮށްދޭ ލިޔުން!!!

Sunday, February 20, 2011

މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގައި
2010ވަނަ އަހަރުން ފެށިގެން ކިޔަވަންފެށި ދަރިވަރުންނަށް
ޕޮކެޓްމަނީ ދެމުން ނުދާތީ 26 އޮކްޓޯބަރ 2010ވަނަ ރައީސް
ނަޝީދަށް ދަރިވަރުން ހުށަހެޅި ސިޓީ!!!
ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަލްފާޝިލް މުހައްމަދު ނަޝީދުު އަށް
     ވެދުން ސަލާމަށް ފަހު ދަންނަވަމެވެ.
ޕޮކެޓް މަނީ ދީގެން ކިޔައިވައި ދިނުމަކީ ސަރުކާރުގެ އުސޫލެއް ނޫން ކަމަށް ބުނެ 2009ވަނަ އަހަރުގެއަޅުގަނޑަކީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންގައި ތައުލީމު ޚާސިލް ކުރަމުންގެންދާ ދަރިވަރެކެވެ. އަޅުގަނޑު ގަބޫލްކުރާގޮތުގައި މަތީތައުލީމު ޚާސިލް ކުރަމުންދާ ބައެއް ދަރިވަރުންނަށް އެލަވަވަންސް ދޭއިރު އަނެއްބައި ދަރިވަރުންނަށް އެލަވަންސް ނުދޭގޮތަށް ސަރުކާރުގެ ސިޔާސަތު 2009ވަނަ އަހަރުގެ ޖުލައި 18ވަނަ ދުވަހުން ފެށިގެން ނިންމަވާފައި އޮތް އޮތުމަކީ އިންސާފުވެރި ނިންމުމެއް އަދި އުސޫލެއް ކަމުގައި އަޅުގަޑު ނުދެކެމެވެ.
     އަދިދަންނަވަމެވެ. 2009ވަނަ އަހަރުގެ ޖުލައި 18ވަނަ ދުވަހުގެ ފަހުންވެސް ސަރުކާރުން ބައެއްފަރާތްތަކަށް އެލަވަންސް ދެއްވަމުންދާކަމުގެ ސައްޚަ މައުލޫމާތު އަޅުގަޑަށް ވަނީ ލިބިފައެވެ.
   ވީމާ އަޅުގަނޑަށްވެސް އެހެންބޭފުޅުންނަށް ދެއްވާފަދަ އެލަވެންސެއް ހަމަޖައްސަވައި ދެއްވުން އެދި ދަންނަވަމެވެ.

26 އޮކްޓޯބަރ 2010 


ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
މާލެ،ދިވެހިރާއްޖެ.


Saturday, May 15, 2010

2010ވަނަ އަހަރުގެ ކުރިން މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންއާއި ގުޅުނު ދަރިވަރުންނަށް ވަރަށް އަވަހަށް ޕޮކެޓް މަނީ އަލުން ލިބެން ފަށާނެ ކަމަށް ހާމަ ކުރައްވައިފި!

2010ވަނަ އަހަރުގެ ކުރިން މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންއާއި ގުޅުނު ދަރިވަރުންނަށް ވަރަށް އަވަހަށް ޕޮކެޓް މަނީ އަލުން ލިބެން ފަށާނެ ކަމަށް ކޮލެޖްގެ ވައިސް ރެކްޓަރ ޙުސައިން ޙަލީމް ހާމަ ކުރައްވައިފިއެވެ. ފިނޭންސުން އެކަން ވަރަށް އަވަހަށް ހަމަ ޖެހޭނެ ކަމަށާއި، ހަމަ ޖެހުނުހާ އަވަހަކަށް ޕޮކެޓް މަނީ ދޫކުރަން ފަށާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ޕޮކެޓް މަނީ ކުރިން ކޯސްތަކަށް އައި ދަރިވަރުންނަށް ދިނުން އެއީ އިންސާފަކަށް ވާނީ ކޮން ގޮތަކުން ތޯއެވެ؟ އަދި އެއީ 2010ވަނަ އަހަރުން ފެށިގެން ޕޮކެޓް މަނީ ދިނުން ހުއްޓާލުން ކަމަށްވެސް ވާނީ ކިހިނެއް ތޯއެވެ؟ މިއަހަރު އައި ދަރިވަރުންނަށް އެ ނުލިބެންވީ އެއްވެސް ސަބަބެއް ނެތެވެ. ޕޮކެޓް މަނީ ކަމަށް ވިޔަސް އަދި އެލަވަންސެއް ކަމަށް ވިޔަސް ހުއްޓާލާނަމަ އެ ހުއްޓާލަން ވާނީ ދަރިވަރުންނަށް ފުރުސަތު ދީފައެވެ. މިދިޔަ އަހަރުގެ ދަރިވަރުންނަށްވެސް ދޭ ފަދައިން މިއަހަރު (2010)ވަނަ އަހަރު އައި ދަރިވަރުންނަށްވެސް އެ ދެވެން ވާނެއެވެ. އަދި ހުއްޓާލާނަމަ ވަކި އަހަރަކުން ފެށިގެން އެ ހުއްޓާލާނެ ކަމުގާ ކުރިން އިޢުލާނު ކުރާ ނަމަ ކިހާ ރަނަގަޅު ތޯއެވެ. މި ގޮތަށް މިކަން ކުރެވޭނެ ނަމަ އެއްބަޔަކަށް ޕޮކެޓް މަނީ ލިބެމުން އަނެއް ބަޔަކަށް ނުދެވި އެއް ނުތިބޭނެއެވެ. ހަމަ ހަމަ ކަންވެސް ބޮޑުވާނެއެވެ. އިންސާފުވެރިވެސް ވާނެއެވެ.

މިނިސްޓްރީ އޮފް ހިއުމަން ރިސޯރސަސް ޔޫތު އެންޑް ސްޕޯރޓްސްގެ ނައިބު އާމިނަތު ޢަލީ 13 މެއި 2010ވީ ބުރާސްފަތި ދުވަހުގެ ރޭ ޓީވީއެމްގެ 8ގެ ޙަބަރަށް ދިން އިންޓަވިއުގައި އިތުރުފުޅު ހައްދަވައިފި!!!

މިނިސްޓްރީ އޮފް ހިއުމަން ރިސޯރސަސް ޔޫތު އެންޑް ސްޕޯރޓްސްގެ ނައިބު އާމިނަތު ޢަލީ 13 މެއި 2010ވީ ބުރާސްފަތި ދުވަހުގެ ރޭ ޓީވީއެމްގެ 8ގެ ޙަބަރަށް ދިން އިންޓަވިއުގައި ނެޝަނަލް ސްޓޫޑެންޓް ލޯނާއި ބެހޭ ގޮތުން ރައްޔިތުންނަށް އޮޅޭ ފަދަ ގޮތަކަށް ވާހަކަ ދައްކަވައިފިއެވެ. މި އިންޓަވިއުގައި 3 އަހަރާއި އެއަށްވުރެ ދިގު މުއްދަތަށް ދޭ ލޯނުތައް ކުދިންނަށް ނުދެވި "ތަންކޮޅެއް" ލަސްވީ އިތުރު އެމް އޯ ޔޫއެއްގައި ސޮއި ކުރަން ޖެހުމުން ކަމަށް ވަނީ ބުނެފައެވެ. އެހެންނަމަވެސް މި ލޯނުތައް ނުދެވި ލަސްވީ ކުޑަ ދުވަސްކޮޅެއް ތޯއެވެ؟ ފެބްރުއަރީމަހު ލޯނަށް އެޕްލައި ކޮށް ކޮލިފައިވީ ދަރިވަރުންގެ ފުރަތަމަ ސެމިސްޓާރ ނިމެން 2 ހަފްތާއަށް ވީއެވެ. އަދިވެސް ލޯނުވަނީ ނުލިބިއެވެ. މިގޮތުން ތަންކޮޅެއް ލަސްވީކަމަށް އޮޅުވާލައިގެން ބުނެވިގެން ނުވާނެއެވެ. އެ ބޭފުޅުންގެ ޒިންމާ ރަނގަޅަށް ނުނެންގެވޭ ވާހަކަ ނުބުނެވުނީ ކީއްވެތޯއެވެ؟ މި ލޯނު ލިބުން ލަސްވެގެން ކުދިންގެ އަތްމަތި ދަތިވެ އެ މިނިސްޓްރީއަށް ގުޅުމުންވެސް ފޯނު ނުނަގާ ކަން ފާހަގަ ކުރަމެވެ. އަދި އާއްމުކޮށް ގުޅާ ދަރިވަރުންގެ ނަމްބަރުތައް ނޯޓްކޮށް (ބްލެކް ލިސްޓްކޮށް) އެނަމްބަރުތަކުން ގުޅުމުން ފޯނު ނުނަގާ ކަންވެސް ފާހަގަކުރަމެވެ. އަދި އާމިނަތު ޢަލީއަށް ދަރިވަރުން ގުޅުމުންވެސް އެއީ ފިނޭންސުން ނާއި ބޭންކުން ލަސްވާ ލަސްވުމެއްކަމުގާ ބުނެ ބޮޑެތި ދޮގުތައް ހަދާފައިވެއެވެ. ބައެއް ދަރިވަރުން ގުޅުމުން "ދެން އަންނަ ހަފްތާ" ގައި ލިބޭނެ، އެމްއޯ ޔޫ ނިމޭނެ، ލޯނު ލިބޭނެ މިފަދަ ޖަވާބުތައް ދީފައިވެއެވެ. އެހެން ނަމަވެސް މިހާރު ހަތަރުމަސް ވެގެން ދިޔައިރުވެސް ލޯނު އަދިވެސް ހަމައެއްނުޖެހެއެވެ. މިކަމުން އެނގެނީ މި ލޯނު ސްކީމުގެ ކަންތައް ތައް ރަނގަޅަށް ހިގަމުން ނުދާލަމެވެ. އަދި މި ލޯނު ދެމުން ގެންދަނީ ފުރަތަމަ ސަރުކާރުން ނިންމެވި ގޮތަކަށްވެސް ނޫނެވެ.

އަޅުގަނޑުމެންގެ އިޙްސާސްތައް އެނގޭނީ އަޅުގަނޑުމެންނަށެވެ. މިނިސްޓްރީތަކަކަށް ނޫނެވެ. އެހެންކަމުން މި ލޯނު ނުލިބިވާ ހުރިހާ ދަރިވަރުންނަށް ވީހާވެސް އަވަހަކަށް ލޯނު ލިބޭނެ މަގު ފަހި ކޮއްދެއްވުން އެދެމެވެ.

Friday, May 14, 2010

Petition to President from MCHE 2010 Batch Students

2010ވަނަ އަހަރު މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންއާއި ގުޅުނު ދަރިވަރުން ރައީސް ނަޝީދަށް ފޮނުވި ޕެޓިޝަން!!!

ދިވެހިރާއްޖޭގެ ރައީސުލް ޖުމުޙޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދަށް.

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

އަޅުގަނޑުމެންނަކީ، 2009 ވަނަ އަހަރާ ހަމައަށް ތަޢުލީމީ ދާއިރާގެ އެކިފެންވަރުގެ މަޤާމުތަކުގައި މަސައްކަތް ކުރުމަށްފަހު، މަތީ ތަޢުލީމު ޙާޞިލްކުރުމުގެ މަޤުޞަދުގައި 2010 ޖެނުއަރީ 31ން ފެށިގެން މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގައި ތަޢުލީމު ޙާޞިލްކުރަމުން އަންނަ ބަޔަކީމު އެވެ. މަނިކުފާނަށް އެނގިވަޑައިގަންނަވާނޭފަދައިން ކޯސްތަކަށް އަންނަ ކުދިން މާލޭގައި ދިރިއުޅުމަކީ ވަރަށް ޚަރަދުބޮޑު ކަމަކަށް ވާއިރު، އެކަށީގެންވާ އެލަވަންސެއް ނުލިބި ކިޔެވުން ކުރިއަށް ގެންދިއުމަކީ ދަތި އުނދަގޫ ކަމެކެވެ. ސަރުކާރުގެ ދާއިމީ ވަޒީފާގައި އުޅެފައި، ކޯސްތަކުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް މުސާރައާއި އެއްވަރުގެ އެލަވަންސް ލިބޭގޮތަށް މީގެ ކުރިން ހަމަޖައްސާފައި އޮތްކަމީ ރާއްޖޭގެ ތަޢުލީމީ ދާޢިރާ ހަރުދަނާ ކުރުމަށް ގެންގުޅުއްވާފައިވާ ސިޔާސަތުގެ ހަރުދަނާކަމުގެ ހެއްކެކެވެ. އަދި ވަޒީފާގައި އުޅެފައި ކޯސްތަކަށް އަންނަ ދަރިވަރުންގެ ދިރިއުޅުމާއި ޒިންމާތަކާއި ޙާލަތު ހުންނާނެ ގޮތް ރަނގަޅަށް ވަޒަން ކުރެވި ބަލައިގެން ހަމަޖައްސާފައި އޮތް އުސޫލެއް ކަމުގާ ދެކެމެވެ. އެހެންނަމަވެސް މި ފަހަކަށް އައިސް ފެންނަނީ މިދެންނެވި ފުރުޞަތު މުޅިން ބަންދުވެގެންދާ މަންޒަރެވެ. މިކަމުގެ ސަބަބުން ކޯސްތަކުގައި ކިޔަވާ އަޅުގަނޑުމެންފަދަ ދަރިވަރުންނަށާއި އަޅުގަނޑުމެންގެ ޢާއިލާތަކަށް ނުހަނު ބޮޑު ބުރައަކަށް ކޯސްތައް ފުރިހަމަކުރުން ވަނީ ވެފައެވެ. އަދި ދަރިވަރުންގެ ޝައުޤުވެރިކަން ކުޑަވެ އޭގެ ބަދަލުގާ ނިކަމެތިކަމާއި މާޔޫސްކަން އިންތިހާއަށްވަނީ ބޮޑުވެފައެވެ. އަދި މިކަމަކީ މިދާއިރާގެ ކުރިމަގު ބަނަވަމުންދާނެ ކަމެއްވެސް މެއެވެ.

ކޮލެޖުގައި އުޅޭ ގިނަ ދަރިވަރުން ނިސްބަތްވާ ޢާއިލާތަކަކީ ތަނަވަސްކަން ކުޑަ ޢާއިލާތަކަކަށްވާތީ ދަރިވަރުން މާލޭގައި ބައިތިއްބައިގެން ހުރިހާ ޚަރަދެއް ކުރުމަކީ އުފުލައިގަނެވޭ ވަރަށް ވުރެ ބޮޑު ބުރައެކެވެ. ވަޒީފާގައި އުޅެފައި މަތީ ތަޢުލީމު ހާޞިލް ކުރުމަށް މިއަހަރު މާލެ އައި ގިނަ ޢަދަދެއްގެ ދަރިވަރުން މިހާރު ތިބީ ސަރުކާރުގެ ފަރާތުން އެލަވަންސް ލިބޭގޮތް ނުވުމުގެ ސަބަބުން ކޯސް ދޫކޮށްލާފައި އެނބުރި ރަށަށް ދާންޖެހިދާނެ ކަމުގެ ބިރު ހީވެފައެވެ. ފާއިތުވީ އަހަރުވެސް ކޮލެޖުގެ ބައެއް ކޯސްތަކަށް އައި ދަރިވަރުން އެލަވަންސް ލިބޭ ގޮތް ނުވުމުގެ ސަބަބުން ކޯސް ދޫކޮށްލާފައި ރަށަށް ދާން ޖެހުނުކަން މިފުރުޞަތުގައި ފާހަގަ ކުރަމެވެ. އަދި އަޅުގަނޑުމެން މިއަހަރު މާލެ އައިސް ކޮލެޖުގެ ކޯސްތަކުގައި ކިޔަވަން ފެއްޓީ، މިދިޔަ އަހަރުވެސް ފަހުން އެލަވަންސް ދެއްވަން ފައްޓާފައިވާތީ، ހަމަ މިއަހަރުވެސް އެލަވަންސް ލިބޭނެކަމުގެ އުއްމީދުގައެވެ.

ކަން މިހެން ހުރުމާއެކު، 2010 ވަނަ އަހަރުން ފެށިގެން ވަޒީފައިގައި އުޅެފައި ކޯސްތަކަށް އަންނަ ކުދިންނަށް މުސާރައާއި އެއްވަރުގެ އެލަވަންސް ނުދެން ނިންމާ، އެއީ ސަރުކާރުގެ ސިޔާސަތެއް ނޫންކަމުގައި ބުނަމުންދާއިރު، 2010 ގެ ކުރިން ކޮލެޖަށް ވަދެފައިވާ، ކުރިން ވަޒީފާގައި އުޅެފައި އައި ހުރިހާ ދަރިވަރުންނަށް މެދުކެނޑުމެއްނެތި އަދިވެސް މުސާރައާ އެއްވަރުގެ އެލަވަންސް ލިބެމުން ދާކަން ފާހަގަ ކުރަމެވެ. އަދި ހަމަ އެހެންމެ މި ސަރުކާރުގެ ފުރަތަމަ އަހަރު، 2009ވަނަ އަހަރު ކޯސްތަކަށް އައި ދަރިވަރުންނަށްވެސް އެލަވަންސް ހަމަޖެހި އަދިވެސް ދަނީ ލިބެމުންނެވެ. އެ ކުދިންގެ ކޯސް ނިމެންދެން އެ އެލަވަންސް މެދުކެނޑުމެއްނެތި ދެމުން ގެންދާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އަދި ސަރުކާރުގެ އެއްވެސް އެލަވަންސެއް އަދި އެހީއެއް ނުލިބި ކޯސްތައް ހަދާ ދަރިވަރުންނަށް ހުޅުވާލި ނެޝަނަލް ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުންވެސް މިދެންނެވި، ސަރަކާރުން މިހާރުވެސް އެލަވަންސް ދެމުންގެންދާ ދަރިވަރުންނަށް ލޯނުވެސް ދަނީ ދެއްވަމުންނެވެ.

އަޅުގަނޑުމެން މިފާހަގަކޮށްލި ކަންތައްތަކަށް ބަލާއިރު 2010ވަނަ އަހަރުގެ ކުރިން ވަޒީފާގައި އުޅެފައި ކޯސްތަކަށް އައި ދަރިވަރުންނާއި އަޅުގަނޑުމެންނާ (2010ވަނަ އަހަރު ކޯސްތަކަށް އައި ދަރިވަރުން) ދެމެދު ވަރަށް ބޮޑު ތަފާތުކުރުންތަކެއް ވާކަން އަޅުގަނޑުމެން ވަރަށް ބޮޑަށް ފާހަގަކޮށް އެކަމާ ހިތާމަ ކުރަމެވެ. އަދި އަޅުގަނޑުމެންނަށް އެލަވަންސް ލިބެމުން ނުދަނީ ސީދާ ރައީސް އޮފީހުގެ ސާރކިއުލާއަކުން އެޑިޔުކޭޝަން މިނިސްޓްރީއަށް އަންގައިގެންކަމަށް ވުމުން އެކަމާ އަޅުގަނޑުމެން ވަރަށް ދެރަވެ ކަން ބޮޑުވަމެވެ. ވުމާއެކު، ކޮލެޖުގައި ކިޔަވާ ވަކި ބަޔަކަށް މުސާރައާއި އެއްވަރުގެ އެލަވެންސް ދިނުމަކީ، 2010 ވަނަ އަހަރު ކޮލެޖަށް ވަން ވަޒީފާގައި އުޅެފައި އައި ދަރިވަރުންނަށް ކުރެވޭ ވަރަށް ބޮޑު ބޭއިންސާފެއް ކަމުގައި ދަންނަވަމެވެ. އަދި މިއީ ސަރުކާރުން ދެއްވަމުން ގެންދެވި މުސާރައާއި އެއްވަރުގެ އެލަވަންސް ދިނުން ހުއްޓާލުން ކަމަށްވެސް އަޅުގަނޑުމެން ގަބޫލެއް ނުކުރަމެވެ. އެފަދަ ގޮތަކަށް އެލަވަންސް ދެމުން ގެންދާނަމަ އަޅުގަނޑުމެންނަށްވެސް އެ އެލަވަންސް ހައްޤުވާނެކަމަށް އަޅުގަނޑުމެން ގަބޫލު ކުރަމެވެ. ސަރުކާރުގެ ސިޔާސަތަކީ، އެއްގޮތަކަށްވެސް އެލަވަންސް ނުދިނުން ކަމަށްވާނަމަ، އެއްބަޔަކަށް ނުދީ އެންމެންނަށް ހަމަހަމަ ވާނެގޮތަކަށް އެކަން ހަމަޖައްސަވައިދެއްވުމަށް ގޮވާލަމެވެ. އެއްވެސް ފަރާތެއްގެ ހިތްހަމަނުޖެހުމެއް ޝަކުވާއެއް ނޯންނާނެފަދަ ގޮތަކަށް އިންސާފުވެރި ގޮތަކަށް އެކަން ކޮއްދެއްވުމަށް އެދި ދަންނަވަމެވެ.

މަނިކުފާނުގެ ސަރުކާރުން ލޯނު ސްކީމުގެ ދަށުން ކޯސްތަކުގައި ކިޔަވާ ދަރިވަރުންނަށް ދިގު މުއްދަތުގައި ދައްކާ ޚަލާސްކުރާގޮތަށް ލޯނު ދޫކުރާގޮތަށް ނިންމާފައި ވުމީ އަޅުގަނޑުމެން ޤަބޫލުކުރާ ގޮތުގައި ރަނގަޅު ފާލެކެވެ. އެހެންނަމަވެސް، ފަހުން އިންޓަރެސްޓާއެކު ސަރުކާރަށް ފައިދާތަކެއް ލިބޭގޮތަށް، ހުރިހާ ބާރެއް ބޭންކް އޮފް މޯލްޑިވްސް އަށް ލިބިގެންދާގޮތަށް ކިޔަވައިކުދިންނަށް ލޯނު ދޫކުރުމަކީ އެއްވެސް ކިޔަވައިކުއްޖަކު އެދޭގޮތެއް ނޫންކަމުގައި ދަންނަވަމެވެ. ހަމައެއާއެކު، ލޯނުގެ ގޮތުގައި މަހަކު ލިބޭ 2000 ރުފިޔާއަކީ، ކުދިން މާލޭގައި ހުރުމާއި ކެއުމުގެ ކަންތައްތައް ހަމަޖައްސާލެވޭވަރަށްވުރެވެސް މަދު ޢަދަދެކެވެ. އޭގެ އިތުރުން، ކޯސް ފީ ދެއްކުމާއި، ކޯހަށް ބޭނުންނާ ތަކެތި ގަތުންފަދަ ކަންކަމަށް ބަލާއިރު 2000 ރުފިޔާއިން ފުދޭނެ އެއްވެސް ގޮތެއް އޮންނާނެ ކަމަކަށް އަޅުގަނޑުމެންނަކަށް ނުފެނެ އެވެ. ކޯހާ ގުޅިފައިވާ މިފަދަ ކަންކަމުގެ އިތުރަށްވަޒީފާގައި އުޅެފައި ކޯސްތަކަށް އަންނަ ގިނަ ދަރިވަރުންނަކީ، އަނބިދަރީން ބެލުމުގެ މަތިވެރި ޒިންމާ ނަގަންޖެހޭ ދަރިވަރުންނެވެ. ނޫނީ އެހެން ނަމަވެސް ޚަރަދުތަކެއް ކުރަންޖެހޭ ބައެކެވެ. ފަހަރެއްގައިވެސް، ކޮލެޖުގައި ކިޔަވާ ދަރިވަރުންގެ އަނބިދަރީން ސަރުކާރުން ބަލަހައްޓާދޭން ޖެހޭނެ ވާހަކައެއް އަޅުގަނޑުމެން ނުދަންނަވަމެވެ. އަޅުގަނޑުމެންނަށް މިފަދަ ބޮޑު ޚަރަދުތަކެއް ކުރަންޖެހިފައި ވުމާއެކު، ލޯނެއްގެ ގޮތުގައި ދޫކުރާ ފައިސާއެއްނަމަ، އަޅުގަނޑުމެން ކޯހުގެ މުއްދަތުގައި ހިތްހަމަޖެހިގެން ފައިސާގެ ދަތިކަމެއް ނެތި މާލޭގައި ތިބެވޭ ވަރުގެ ޢަދަދެއް ދެއްވުމަކީ ވަރަށްބޮޑަށް އެދޭކަމެއްކަމުގައި ދަންނަވަމެވެ.

ވީމާ، ކިޔަވައި ކުދިންނަށް ފައިސާގެ އެހީ ނޫނީ އެލަވަންސް ދިނުމަށް ސަރުކާރުން އަނޑައަޅުއްވާފައިހުރި ގޮތްތަކާމެދު އިތުރަށް ވިސްނާވަޑައިގެން، ވަޒީފާގައި އުޅުމަށްފަހު 2010 ވަނަ އަހަރުގެ ކުރިން ކޯސްތަކަށް އައި ދަރިވަރުންނަށް މުސާރައާ އެއްވަރުގެ އެލަވަންސް ދެއްވާ ފަދައިން، 2010 ވަނަ އަހަރު ވަޒީފާގައި އުޅެފައި ކޯސްތަކަށް އައި ދަރިވަރުންނަށް ވެސް އިންސާފުވެރިކަމާއެކު މުސާރައާ އެއްވަރުގެ އެލަވަންސް ލިބޭނޭގޮތް ހައްދަވައިދެއްވުން އެދެމެވެ.