Pages

Wednesday, March 2, 2011

ޔުނިވަރ
    ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމުޙޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދަށް.
    ވެދުންސަލާމަށްފަހު ދަންނަވަމެވެ.
  އަޅުގަނޑުމެންނަކީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެކިއެކި ފެކަލްޓިތަކުގެ ތަފާތު ކޯސްތަކުގައި ތަޢުލީމު ޙާޞިލުކުރަމުންދާ ދަރިވަރުންނީމު އެވެ. 2009 ވަނަ އަހަރުން ޖުލައި މަހުން ފެށިގެން، ދަރިވަރުންނަށް [ޕޮކެޓް މަނީ]ގެ ގޮތުގައި ކޮލެޖުން ދެމުން އައި ފައިސާ ދިނުން ހުއްޓާލުމާއި ގުޅިގެން، 2010 ވަނަ އަހަރު ޖެނުއަރީ މަހުން ފެށިގެން އެންރޯލްވެ، މިހާރުގެ ޤައުމީ ޔުނިވަރސިޓިގައި ތައުލީމު ޙާޞިލްކުރަމުންދާ ދަރިވަރުން، ކޯސް ފުރިހަމަ ކުރުމަށް މާލޭގައި ދިރިއުޅުން ވެފައިވަނީ ތަޙައްމަލް ކުރަން ދަތި، ބޮޑު ގޮންޖެހުމަކަށެވެ. އަޅުގަނޑުމެންނަށް ފައިސާގެ ދަތިކަމާ ކުރިމަތިވެ، ކޯސް ދޫކޮށްލާފައި ދިއުން ނޫން އިތުރު އެއްވެސް ގޮތެއް ނެތިފައި ތިއްބާ، 2010 ވަނަ އަހަރު، ޑިޕާރޓްމެންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން އެއް އަހަރުގެ މުއްދަތަށް [ސްޓޫޑެންޓް ލޯން ސްކީމު]ގެ ނަމުގައި އިންޓަރެސްޓާއެކު އަނބުރާ ދައްކާގޮތަށް ދޫކޮށްފައިވާ ލޯނު ފައިސާ އަޅުގަނޑުމެންގެ ތެރެއިން ބައެއް ކުދިން ނަގާފައިވަނީ އެނޫން އިތުރު އެއްވެސް ގޮތެއް ނެތިގެންކަން ހިތާމަޔާއެކު ފާހަގަ ކުރަމެވެ. އަދި އެ ލޯނު ފައިސާ ދެއްވިއިރުގައި ވެސް، ކޮލެޖުގައި ކިޔަވާ ހުރިހާ ކުދިންނަށް [އެލިޖިބަލް] ނުވާގޮތަށް، ސަރުކާރުން ކަނޑައަޅާ ވަކި ޢަދަދެއްގެ ކުދިންނަށް ލިބޭ އެއްޗެއްގެ ގޮތުގައި އެ ލޯނު ހަމަޖެހިފައި ވުމީ، ކޮލެޖުގައި ކިޔަވައި ހުރިހާ ކުދިނަށް އެ ލޯނު ލިބުމަށް ހުރަސްއެޅިގެންދިޔަ ކަމެއްކަން ފާހަގަ ކުރަމެވެ. ނަމަވެސް، މީގެ ކުރިން [ޕޮކެޓް މަނީ]ގެ އުޞޫލުން ކުދިންނަށް ފައިސާ ދެއްވަމުން ގެންދެވި އިރު، ކޮލެޖުގައި ރަޖިސްޓްރީ ވެފައިވާ ހުރިހާ ދަރިވަރުންނަށްވެސް، ބެހިގެންދާގޮތަށް ހަރުދަނާ އުޞޫލަކުން ފައިސާ ދެއްވާފައިވާކަން ފާހަގަ ކުރަމެވެ.
    އަޅުގަނޑުމެންނަކީ، ޔުނިވާރސިޓީ ތަޢުލީމުގެ އެންމެ މަތީ ހަރުފަތާ ހަމައަށް ވާޞިލް ވުމުގެ ނިޔަތުގައި މަސައްކަތް ކުރަމުން ގެންދާ ބަޔަކީމެވެ. ނަމަވެސް، ސަރުކާރުގެ ކަމާބެހޭ ފަރާތުން، މަތީ ތަޢުލީމު ޙާޞިލްކުރާ ދަރިވަރުންނަށް ދެއްވަމުން ގެންދެވި، [ޕޮކެޓް މަނީ] ހުއްޓާލައި، ލޯނު ދޫކުރަން ފެށުމުގެ ސަބަބުން، ޔުނިވަރރސިޓީ ތަޢުލީމުގެ ފުރަތަމަ މަރުޙަލާ ނިމޭ ހިސާބުން، ލޯނުގެ ގޮތުގައި ސަރުކާރުން ދެއްވާފައިވާ ފައިސާ ދައްކާ ޚަލާޞް ކުރުމަށްޓަކައި، ކިޔެވުމާ އަލްވަދާޢު ކިޔަންވަނީ މަޖުބޫރު ވެފަ އެވެ. އެހެންކަމުން، ޔުނިވާރސިޓީގައި ކިޔަވައި ދަރިވަރުންގެ ބޮލުގައި އެޅޭ ސަލާމަތް ނުވެވޭފަދަ ބޮޑު ދަރަންޏެއްގެ ގޮތުގައި، ލޯނުފައިސާ ދޫކުރުމަކީ، އަޅުގަނޑުމެންނަށް އެއްގޮތަކަށް ވެސް ޤަބޫލު ކުރެވޭނެ ކަމެއް ނޫނެވެ. އަދި އެއީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ދަތުރުކުރަން ބޭނުންވާ ކާމިޔާބުގެ ލަނޑުދަނޑިތަކާ ހަމައަށް ވާސިލްވުމަށް އެޅިގެންދާ ހުރަހެއްކަމުގައި އަޅުގަނޑުމެން ދެކެމެވެ.
    2010 ވަނަ އަހަރު އޭޕްރީލް މަހުގެ 27 ވަނަ ދުވަހު، އެއިރުގެ [މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން]ގައި ތަޢުލީމު ޙާޞިލުކުރަމުންދިޔަ، ގާތްގަނޑަކަށް ފަންސާހަށްވުރެ ގިނަ ކުދިން ސޮއިކޮށް، ރައީސް އޮފީހަށް ހުށަހެޅި ޕެޓިޝަނުގެ ޖަވާބު، އޭގެ ފަސް މަސްދުވަސް ފަހުން ލިބުނުއިރު، އޭގެ ޖަވާބުގައި، މަތީތަޢުލީމަށް ކިޔަވައި ދަރިވަރުންނަށް [ޕޮކެޓް މަނީ]ގެ ގޮތުގައި ފައިސާ ދީގެން ކިޔަވައިދިނުމަކީ، މި ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށް ބަޔާންކުރައްވާފައިވާތީ، އަޅުގަނޑުމެން ހިތާމަކުރާ ވާހަކަ ދަންނަވަމެވެ. ކަންމިހެން އޮތްއިރު، ދާދި ފަހުން، ނަރުސް ކޯސް ހެދުމަށްޓަކައި، ދިވެހި ސަރުކާރުގެ ފަރާތުން އަވަށްޓެރި އިންޑިއާއަށް ފޮނުވި، 85 ކުދިންގެ ތެރެއިން 15 ކުދިން ފިޔަވައި، ބާކީތިބި 70 ކުދިން ކޯހުގެ ޝަރުތު ފުރިހަމަނުވުމާގުޅިގެން، ދިވެހި ސަރުކާރުގެ މާލިއްޔަތުގެ ޚަރަދުގައި މާލެ ގެނެސް، ދިވެހި ޤައުމީ ޔުނިވަރސިޓީގައި އެންރޯލުކޮށް، ސަރުކާރުން ޚަރަދުދޭގޮތަށް، ފެކަލްޓީ އޮފް ހެލްތް ސައިންސްގެ ބޭނުން ކޯހެއްގައި ކިޔެވުމުގެ ފުރުޞަތު ހޯއްދަވައިދެއްވާފައިވާކަމީ، ސަރުކާރުގެ ހިލޭ އެހީގެ ދަށުން މަތީ ތަޢުލީމަށް ކިޔަވައިދިނުމަކީ، އިސްވެ ދެންނެވުނު ސަރުކާރުގެ ސިޔާސަތާއި ޚިލާފަށް ހިންގާފައިވާ ޢަމަލެއްކަން ފާހަގަ ކުރެވެ އެވެ.
    65 އަހަރުން މަތީގެ ދުވަސްވީ މީހުންނަށާއި، އެކަނިވެރި މައިންނަށާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށާއި، ދިވެހިރާއްޖޭގެ ސްކޫލުތަކުގައި ތަޢުލީމު ޙާޞިލްކުރަމުންގެންދާ ދަރިވަރުންގެ ފޮތްބަޔާއި، އެކުދިންގެ އިމްތިޙާނު ފީ ދެއްކުން ފަދަ ރައްޔިތުންނަށް ދަތިވާ ކަންކަމުގައި ސަރުކާރުގެ ބަޖެޓުން މިލިއަނުން ފައިސާ ޚަރަދުކުރަމުންދާކަމީ އަޅުގަނޑުމެން ނުހަނު އުފަލާއެކު ބަލައިގަންނަ ކަމެކެވެ. އެހެންނަމަވެސް، ދިވެހި ޤައުމީ ޔުނިވަރސިޓީގައި މަތީ ތަޢުލީމު ޙާޞިލްކުރަމުންދާ، މަދު ދަރިވަރުންކޮޅަކަށް [ޕޮކެޓް މަނީ] ދިނުމަށް ސަރުކާރުން ނުކުޅެދި، އަޅުގަނޑުމެންނަށް ލޯނު ދޫކޮށް ދަރަނިވެރި ކުރުވާފައިވާތީ، މިކަމަކީ އެއްވެސް އިންސާފެއް އޮތް ކަމެއްކަމަށް ބަލައެއްނުގަނެވޭނެ އެވެ. އިސްވެ ދެންނެވުނު، އެތައް ހާސް ދިވެހި ރައްޔިތުންނަށް ދަޢުލަތުގެ މާލިއްޔާއިން ބޮޑެތި ޚަރަދުތައް ކުރަމުންދާއިރު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ތަޢުލީމު ޙާޞިލްކުރާ ހައެއްކަ ހާސް ކުދިންނަށް [ޕޮކެޓް މަނީ]އެއްގެ ގޮތުގައި ހިލޭ އެހީއެއް ދިނުމަކީ، ސަރުކާރަށް ނުކުރެވޭނެ ކަމެއްތޯއެވެ؟
    ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ދަސްވެނިވެގެން ދިވެހި މުޖުތަމަޢަށް ނުކުންނަ ދަރިވަރުންނަކީ، ދިވެހިރާއްޖޭގެ ކުރިމަގު ބައްޓަންކޮށް، ތަރައްޤީގެ މަގުޗާޓު ކުރަހަން ތިބި އެދުރުންނަށް ވީހިނދު، އެ ދަރިވަރުން ނިކަމެތިކޮށް، އިހާނެތިކޮށް ހިތުން ވެގެންދާނީ، ދިވެހިރާއްޖެއާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކުރިމަގު ބަނަވެ، ދިވެހި ޤައުމިއްޔަތަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަކަށްކަން ކަށަވަރެވެ.
   ވީމާ، ތިޔަ އޯގާތެރި ސަރުކާރުން އަޅުގަނޑުމެންގެ އާދޭސް އަޑުއައްސަވައި، އެކަނިވެރި މައިންނާއި، 65 އަހަރުން މަތީގެ ދުވަސްވީ މީހުންނަށް [އެލަވަންސް] ދިނުމަށް ތައްޔާރުކޮށްފައިވާ ފަދަ ފޯމެއް ފުރުވައިގެން ނަމަވެސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެންމެހާ ދަރިވަރުންނަށް މަންފާ ކުރަނިވި ގޮތަކަށް ވިސްނާވަޑައިގެން، ހިލޭ އެހީއެއްގެ ގޮތުގައި، އެކަށީގެންވާ [ޕޮކެޓް މަނީ]އެއް ލިބޭނޭގޮތް ހައްދަވައިދެއްވުން އެދި ނުހަނު އާދޭހާއެކު ދަންނަވަމެވެ.
     އިޙުތިރަމް ޤަބޫލުކުރެއްވުން އެދެމެވެ.

   23 ފެބްރުއަރީ 2011


ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
މާލެ،ދިވެހިރާއްޖެ.

No comments:

Post a Comment