Pages

Friday, May 14, 2010

Petition to President from MCHE 2010 Batch Students

2010ވަނަ އަހަރު މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންއާއި ގުޅުނު ދަރިވަރުން ރައީސް ނަޝީދަށް ފޮނުވި ޕެޓިޝަން!!!

ދިވެހިރާއްޖޭގެ ރައީސުލް ޖުމުޙޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދަށް.

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

އަޅުގަނޑުމެންނަކީ، 2009 ވަނަ އަހަރާ ހަމައަށް ތަޢުލީމީ ދާއިރާގެ އެކިފެންވަރުގެ މަޤާމުތަކުގައި މަސައްކަތް ކުރުމަށްފަހު، މަތީ ތަޢުލީމު ޙާޞިލްކުރުމުގެ މަޤުޞަދުގައި 2010 ޖެނުއަރީ 31ން ފެށިގެން މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގައި ތަޢުލީމު ޙާޞިލްކުރަމުން އަންނަ ބަޔަކީމު އެވެ. މަނިކުފާނަށް އެނގިވަޑައިގަންނަވާނޭފަދައިން ކޯސްތަކަށް އަންނަ ކުދިން މާލޭގައި ދިރިއުޅުމަކީ ވަރަށް ޚަރަދުބޮޑު ކަމަކަށް ވާއިރު، އެކަށީގެންވާ އެލަވަންސެއް ނުލިބި ކިޔެވުން ކުރިއަށް ގެންދިއުމަކީ ދަތި އުނދަގޫ ކަމެކެވެ. ސަރުކާރުގެ ދާއިމީ ވަޒީފާގައި އުޅެފައި، ކޯސްތަކުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް މުސާރައާއި އެއްވަރުގެ އެލަވަންސް ލިބޭގޮތަށް މީގެ ކުރިން ހަމަޖައްސާފައި އޮތްކަމީ ރާއްޖޭގެ ތަޢުލީމީ ދާޢިރާ ހަރުދަނާ ކުރުމަށް ގެންގުޅުއްވާފައިވާ ސިޔާސަތުގެ ހަރުދަނާކަމުގެ ހެއްކެކެވެ. އަދި ވަޒީފާގައި އުޅެފައި ކޯސްތަކަށް އަންނަ ދަރިވަރުންގެ ދިރިއުޅުމާއި ޒިންމާތަކާއި ޙާލަތު ހުންނާނެ ގޮތް ރަނގަޅަށް ވަޒަން ކުރެވި ބަލައިގެން ހަމަޖައްސާފައި އޮތް އުސޫލެއް ކަމުގާ ދެކެމެވެ. އެހެންނަމަވެސް މި ފަހަކަށް އައިސް ފެންނަނީ މިދެންނެވި ފުރުޞަތު މުޅިން ބަންދުވެގެންދާ މަންޒަރެވެ. މިކަމުގެ ސަބަބުން ކޯސްތަކުގައި ކިޔަވާ އަޅުގަނޑުމެންފަދަ ދަރިވަރުންނަށާއި އަޅުގަނޑުމެންގެ ޢާއިލާތަކަށް ނުހަނު ބޮޑު ބުރައަކަށް ކޯސްތައް ފުރިހަމަކުރުން ވަނީ ވެފައެވެ. އަދި ދަރިވަރުންގެ ޝައުޤުވެރިކަން ކުޑަވެ އޭގެ ބަދަލުގާ ނިކަމެތިކަމާއި މާޔޫސްކަން އިންތިހާއަށްވަނީ ބޮޑުވެފައެވެ. އަދި މިކަމަކީ މިދާއިރާގެ ކުރިމަގު ބަނަވަމުންދާނެ ކަމެއްވެސް މެއެވެ.

ކޮލެޖުގައި އުޅޭ ގިނަ ދަރިވަރުން ނިސްބަތްވާ ޢާއިލާތަކަކީ ތަނަވަސްކަން ކުޑަ ޢާއިލާތަކަކަށްވާތީ ދަރިވަރުން މާލޭގައި ބައިތިއްބައިގެން ހުރިހާ ޚަރަދެއް ކުރުމަކީ އުފުލައިގަނެވޭ ވަރަށް ވުރެ ބޮޑު ބުރައެކެވެ. ވަޒީފާގައި އުޅެފައި މަތީ ތަޢުލީމު ހާޞިލް ކުރުމަށް މިއަހަރު މާލެ އައި ގިނަ ޢަދަދެއްގެ ދަރިވަރުން މިހާރު ތިބީ ސަރުކާރުގެ ފަރާތުން އެލަވަންސް ލިބޭގޮތް ނުވުމުގެ ސަބަބުން ކޯސް ދޫކޮށްލާފައި އެނބުރި ރަށަށް ދާންޖެހިދާނެ ކަމުގެ ބިރު ހީވެފައެވެ. ފާއިތުވީ އަހަރުވެސް ކޮލެޖުގެ ބައެއް ކޯސްތަކަށް އައި ދަރިވަރުން އެލަވަންސް ލިބޭ ގޮތް ނުވުމުގެ ސަބަބުން ކޯސް ދޫކޮށްލާފައި ރަށަށް ދާން ޖެހުނުކަން މިފުރުޞަތުގައި ފާހަގަ ކުރަމެވެ. އަދި އަޅުގަނޑުމެން މިއަހަރު މާލެ އައިސް ކޮލެޖުގެ ކޯސްތަކުގައި ކިޔަވަން ފެއްޓީ، މިދިޔަ އަހަރުވެސް ފަހުން އެލަވަންސް ދެއްވަން ފައްޓާފައިވާތީ، ހަމަ މިއަހަރުވެސް އެލަވަންސް ލިބޭނެކަމުގެ އުއްމީދުގައެވެ.

ކަން މިހެން ހުރުމާއެކު، 2010 ވަނަ އަހަރުން ފެށިގެން ވަޒީފައިގައި އުޅެފައި ކޯސްތަކަށް އަންނަ ކުދިންނަށް މުސާރައާއި އެއްވަރުގެ އެލަވަންސް ނުދެން ނިންމާ، އެއީ ސަރުކާރުގެ ސިޔާސަތެއް ނޫންކަމުގައި ބުނަމުންދާއިރު، 2010 ގެ ކުރިން ކޮލެޖަށް ވަދެފައިވާ، ކުރިން ވަޒީފާގައި އުޅެފައި އައި ހުރިހާ ދަރިވަރުންނަށް މެދުކެނޑުމެއްނެތި އަދިވެސް މުސާރައާ އެއްވަރުގެ އެލަވަންސް ލިބެމުން ދާކަން ފާހަގަ ކުރަމެވެ. އަދި ހަމަ އެހެންމެ މި ސަރުކާރުގެ ފުރަތަމަ އަހަރު، 2009ވަނަ އަހަރު ކޯސްތަކަށް އައި ދަރިވަރުންނަށްވެސް އެލަވަންސް ހަމަޖެހި އަދިވެސް ދަނީ ލިބެމުންނެވެ. އެ ކުދިންގެ ކޯސް ނިމެންދެން އެ އެލަވަންސް މެދުކެނޑުމެއްނެތި ދެމުން ގެންދާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އަދި ސަރުކާރުގެ އެއްވެސް އެލަވަންސެއް އަދި އެހީއެއް ނުލިބި ކޯސްތައް ހަދާ ދަރިވަރުންނަށް ހުޅުވާލި ނެޝަނަލް ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުންވެސް މިދެންނެވި، ސަރަކާރުން މިހާރުވެސް އެލަވަންސް ދެމުންގެންދާ ދަރިވަރުންނަށް ލޯނުވެސް ދަނީ ދެއްވަމުންނެވެ.

އަޅުގަނޑުމެން މިފާހަގަކޮށްލި ކަންތައްތަކަށް ބަލާއިރު 2010ވަނަ އަހަރުގެ ކުރިން ވަޒީފާގައި އުޅެފައި ކޯސްތަކަށް އައި ދަރިވަރުންނާއި އަޅުގަނޑުމެންނާ (2010ވަނަ އަހަރު ކޯސްތަކަށް އައި ދަރިވަރުން) ދެމެދު ވަރަށް ބޮޑު ތަފާތުކުރުންތަކެއް ވާކަން އަޅުގަނޑުމެން ވަރަށް ބޮޑަށް ފާހަގަކޮށް އެކަމާ ހިތާމަ ކުރަމެވެ. އަދި އަޅުގަނޑުމެންނަށް އެލަވަންސް ލިބެމުން ނުދަނީ ސީދާ ރައީސް އޮފީހުގެ ސާރކިއުލާއަކުން އެޑިޔުކޭޝަން މިނިސްޓްރީއަށް އަންގައިގެންކަމަށް ވުމުން އެކަމާ އަޅުގަނޑުމެން ވަރަށް ދެރަވެ ކަން ބޮޑުވަމެވެ. ވުމާއެކު، ކޮލެޖުގައި ކިޔަވާ ވަކި ބަޔަކަށް މުސާރައާއި އެއްވަރުގެ އެލަވެންސް ދިނުމަކީ، 2010 ވަނަ އަހަރު ކޮލެޖަށް ވަން ވަޒީފާގައި އުޅެފައި އައި ދަރިވަރުންނަށް ކުރެވޭ ވަރަށް ބޮޑު ބޭއިންސާފެއް ކަމުގައި ދަންނަވަމެވެ. އަދި މިއީ ސަރުކާރުން ދެއްވަމުން ގެންދެވި މުސާރައާއި އެއްވަރުގެ އެލަވަންސް ދިނުން ހުއްޓާލުން ކަމަށްވެސް އަޅުގަނޑުމެން ގަބޫލެއް ނުކުރަމެވެ. އެފަދަ ގޮތަކަށް އެލަވަންސް ދެމުން ގެންދާނަމަ އަޅުގަނޑުމެންނަށްވެސް އެ އެލަވަންސް ހައްޤުވާނެކަމަށް އަޅުގަނޑުމެން ގަބޫލު ކުރަމެވެ. ސަރުކާރުގެ ސިޔާސަތަކީ، އެއްގޮތަކަށްވެސް އެލަވަންސް ނުދިނުން ކަމަށްވާނަމަ، އެއްބަޔަކަށް ނުދީ އެންމެންނަށް ހަމަހަމަ ވާނެގޮތަކަށް އެކަން ހަމަޖައްސަވައިދެއްވުމަށް ގޮވާލަމެވެ. އެއްވެސް ފަރާތެއްގެ ހިތްހަމަނުޖެހުމެއް ޝަކުވާއެއް ނޯންނާނެފަދަ ގޮތަކަށް އިންސާފުވެރި ގޮތަކަށް އެކަން ކޮއްދެއްވުމަށް އެދި ދަންނަވަމެވެ.

މަނިކުފާނުގެ ސަރުކާރުން ލޯނު ސްކީމުގެ ދަށުން ކޯސްތަކުގައި ކިޔަވާ ދަރިވަރުންނަށް ދިގު މުއްދަތުގައި ދައްކާ ޚަލާސްކުރާގޮތަށް ލޯނު ދޫކުރާގޮތަށް ނިންމާފައި ވުމީ އަޅުގަނޑުމެން ޤަބޫލުކުރާ ގޮތުގައި ރަނގަޅު ފާލެކެވެ. އެހެންނަމަވެސް، ފަހުން އިންޓަރެސްޓާއެކު ސަރުކާރަށް ފައިދާތަކެއް ލިބޭގޮތަށް، ހުރިހާ ބާރެއް ބޭންކް އޮފް މޯލްޑިވްސް އަށް ލިބިގެންދާގޮތަށް ކިޔަވައިކުދިންނަށް ލޯނު ދޫކުރުމަކީ އެއްވެސް ކިޔަވައިކުއްޖަކު އެދޭގޮތެއް ނޫންކަމުގައި ދަންނަވަމެވެ. ހަމައެއާއެކު، ލޯނުގެ ގޮތުގައި މަހަކު ލިބޭ 2000 ރުފިޔާއަކީ، ކުދިން މާލޭގައި ހުރުމާއި ކެއުމުގެ ކަންތައްތައް ހަމަޖައްސާލެވޭވަރަށްވުރެވެސް މަދު ޢަދަދެކެވެ. އޭގެ އިތުރުން، ކޯސް ފީ ދެއްކުމާއި، ކޯހަށް ބޭނުންނާ ތަކެތި ގަތުންފަދަ ކަންކަމަށް ބަލާއިރު 2000 ރުފިޔާއިން ފުދޭނެ އެއްވެސް ގޮތެއް އޮންނާނެ ކަމަކަށް އަޅުގަނޑުމެންނަކަށް ނުފެނެ އެވެ. ކޯހާ ގުޅިފައިވާ މިފަދަ ކަންކަމުގެ އިތުރަށްވަޒީފާގައި އުޅެފައި ކޯސްތަކަށް އަންނަ ގިނަ ދަރިވަރުންނަކީ، އަނބިދަރީން ބެލުމުގެ މަތިވެރި ޒިންމާ ނަގަންޖެހޭ ދަރިވަރުންނެވެ. ނޫނީ އެހެން ނަމަވެސް ޚަރަދުތަކެއް ކުރަންޖެހޭ ބައެކެވެ. ފަހަރެއްގައިވެސް، ކޮލެޖުގައި ކިޔަވާ ދަރިވަރުންގެ އަނބިދަރީން ސަރުކާރުން ބަލަހައްޓާދޭން ޖެހޭނެ ވާހަކައެއް އަޅުގަނޑުމެން ނުދަންނަވަމެވެ. އަޅުގަނޑުމެންނަށް މިފަދަ ބޮޑު ޚަރަދުތަކެއް ކުރަންޖެހިފައި ވުމާއެކު، ލޯނެއްގެ ގޮތުގައި ދޫކުރާ ފައިސާއެއްނަމަ، އަޅުގަނޑުމެން ކޯހުގެ މުއްދަތުގައި ހިތްހަމަޖެހިގެން ފައިސާގެ ދަތިކަމެއް ނެތި މާލޭގައި ތިބެވޭ ވަރުގެ ޢަދަދެއް ދެއްވުމަކީ ވަރަށްބޮޑަށް އެދޭކަމެއްކަމުގައި ދަންނަވަމެވެ.

ވީމާ، ކިޔަވައި ކުދިންނަށް ފައިސާގެ އެހީ ނޫނީ އެލަވަންސް ދިނުމަށް ސަރުކާރުން އަނޑައަޅުއްވާފައިހުރި ގޮތްތަކާމެދު އިތުރަށް ވިސްނާވަޑައިގެން، ވަޒީފާގައި އުޅުމަށްފަހު 2010 ވަނަ އަހަރުގެ ކުރިން ކޯސްތަކަށް އައި ދަރިވަރުންނަށް މުސާރައާ އެއްވަރުގެ އެލަވަންސް ދެއްވާ ފަދައިން، 2010 ވަނަ އަހަރު ވަޒީފާގައި އުޅެފައި ކޯސްތަކަށް އައި ދަރިވަރުންނަށް ވެސް އިންސާފުވެރިކަމާއެކު މުސާރައާ އެއްވަރުގެ އެލަވަންސް ލިބޭނޭގޮތް ހައްދަވައިދެއްވުން އެދެމެވެ.

2 comments:

  1. Sarukaaruge Isverinnah.
    Mathee thauleem haasil kuraa dharivarunnah kiyeveyne magu fahi kohdhee!!!

    ReplyDelete
  2. Annige menifesto gai thauleemee dhaairaa ah dheynbuni samaalukamakee kobaibaa..??
    Dharivarun kiyavaa nimeyiru 13yrs ge dharanyeh alhuvaafa baithihbun tha..?

    ReplyDelete